އާސާރީ ސަރަހައްދު

ނިލަންދޫގައި އޮންނަ “ފޯއްމަތި” ނަމަކަށް ކިޔާ އާޡާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއް ފެންވަރުގެ ދާދި އެއް ވައްތަރެއްގެ ތަކެއްޗެވެ. ނިލަންދޫ އާޡާރީ ސަރަޙައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައި ހުރިތަނެވެ. ކުރީގައި އެވެލިފުނި ވަރަށް އުސްކޮށްއޮވެއެވެ. އެތަނަކީ އާޡާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި މިހާރު އޮތީ ވަރަށް ތިރިކޮށެވެ. ވަރަށް ގިނަ ގާތައްވެސް މަދުވެފައިވެއެވެ. އާޡާރީ ސަރަޙައްދުގެ ބޮޑު މިނަށް ބަލާއިރު މި ސަރަޙައްދުގައި 110,732.74 އަކަ ފޫޓު ހުރެއެވެ. މި ސަރަޙައްދުގެ ތެރޭގައި އާޡާރީ މިސްކިތާއި ވެވެއް ހުރެއެވެ. އެތަންތަނާއި ބެހޭ މަޢުލޫމާތު ތިރީގައި  އެވަނީއެވެ.

 

އާޡާރީ މިސްކިތް

ނިލަންދޫގައި ހުރި އާޡާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

މިސްކިތް ބިނާކޮށްފައި ވަނީ ކަނޑައެޅިގެން ކޮން ދުވަސްވަރެއްގައިކަން އެނގެން ނެތް ނަމަވެސް މި މިސްކިތަކީ 860 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތްކޮށްފައިވަނީ ހިރި ގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރިމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާ މީހުން ވަޅުލާފައިވެއެވެ. މިސްކިތުގެ ބޮޑު މިނަށް ބަލާއިރު މިސްކިތުގައި 1138.44 އަކަ ފޫޓުހުރެއެވެ. މިސްކިތުގެ ގޯތީގެ ބޮޑު މިނަކީ 9552 އަކަ ފޫޓެވެ.

 

ވެވު

ނިލަންދޫ އާޡާރީ ސަރަޙައްދުގައި އޮންނަ މި ވެވަކީ ކުރީ ޒަމާނުގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެކެވެ. މިވެވަކީ ހިރިގަލުން ރާނައި އަދި ވެވުގެ އަޑި ތަށިވައް ހަދައިފައި އޮންނަ ވެވެކެވެ. ޒަމާންތަކެއް ވަންދެން މިވެއު ބައްދާލާފައި އޮތުމަށްފަހު 2015 ވަނަ އަހަރު މިނިވަން ފަންސާހުގެ ފުނަ ޙަރަކާތްތަކަށް އާޡާރީ ސަރަޙައްދު ތައްޔާރުކުރުމުގެ ގޮތުން ވެއު އޮތް ސަރަޙައްދު ކޮނެ ވެއު މިހާރުވަނީ މަރާމާތުކޮށް ހިމާޔަތްކޮށްފައެވެ.

 

ފ. ނިލަންދޫގެ ތާރީޚީ މަޢުލޫމާތު

ތާރީޚް ޢުމުރާނީ ތަރައްޤީ ތަފުޞީލު
1153 ހުކުރު މިސްކިތް (އާޘާރީ މިސްކިތް) މިއީ، ދަރުމަވަންތަ ރަސްގެފާނު މިރަށުގައި ބިނާކުރެއްވި މިސްކިތެއް.

 

1953 ކާޑުގެ ޢިމާރާތް ކުރުން. މިއީ، މަލިންގޭ ދޮންސީދީ ފ. އަތޮޅު އަތޮޅުވެރިކަމުގައި ހުންނަވައިގެން ބިނާކުރި ތަނެއް. މިތަނުގައި 1954 އިން 1964 ވަނަ އަހަރާ ހަމައަށް ނިލަންދޫ ރައްޔިތުންގެ ނަމުގައި ވިޔަފާރި ކުރަމުން ގެންދިޔަ. މި ވިޔަފާރީގައި ކާބޯތަކެތީގެ އެއްޗެތި ވިއްކުމުގެ އިތުރުން ފަނާއި ރޯނާއި މަސް ގަނެވިއްކާފައިވޭ. މި ވިޔަފާރީގައި ފ. އަތޮޅުގެ ވާރު ބައްތެލި ގަނެގެން ބޭނުން ކޮށްފައިވޭ. 1965 އިން 1982 ގެ ނިޔަލަށް މިތަނުގައި ނިލަންދޫ އޮފީސް ހިންގާފައިވޭ. މިތަން ތަޅާލީ 1992 ގައި.

 

1953 ރަށްވެހިގެ ޢިމާރާތް ކުރުން. މިއީ، މަލިންގޭ ދޮންސީދީގެ އަތޮޅުވެރިކަމުގައި ބިނާކުރި ތަނެއް. 1953 އިން 1983 އާއި ހަމައަށް މިތަން ބޭނުންކުރީ މެހުމާންސަރާއެއްގެ ގޮތުގައި. 1984 އިން 1993 އަށް މިތަން ބޭނުންކުރީ ނިލަންދޫ އޮފީސް ހިންގުމަށް. މިހާރު މިތަން ބޭނުންކުރަނީ ނިލަންދޫ ކައުންސިލްގެ އިދާރާގެ ގުދަނެއްގެ ގޮތުގައި.

 

1954 ބޮޑުމަދަރުސާ ޢިމާރާތް ކުރުން. މިއީ، މަލިންގޭ ދޮންސީދީގެ އަތޮޅުވެރިކަމުގައި ބިނާކުރި ތަނެއް. މިތަނުގައި ރައްޔިތުންގެ ނަމުގައި 1970 ގެ އަހަރުތަކާ ހަމައަށް ކިޔަވައިދީފައިވޭ. އަދި އޭގެފަހުން މިތަން އެކި މީސްމީހުންގެ އެކި ދުވަސްވަރު ކިޔަވައި ދިނުމަށް ބޭނުން ކޮށްފައިވޭ. މިތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މަރާމާތުކޮށްގެން 2002 އިން 2012 ގެ ނިޔަލަށް މިތަނުގައި ފ. އަތޮޅު އިސްޓޯރު ހިންގާފައިވޭ. އަދި އޭގެ ފަހުން 2015 ން 2018 އަށް ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ އެތަނުގައި ހިންގާފައިވޭ. އަދި އޭގެ ފަހުން 2018 ން ފެށިގެން އަތޮޅު އިސްޓޯރު ހިންގަމުންދޭ.

 

1970 70X7 ފޫޓުގެ ފާލަމެއް ހެދުން. ނިލަންދޫގެ އުތުރު ފަރާތުގައި ވަކަރުން ފާލަމެއް ހަދާފައިވޭ.

 

1984 ވަޙުދާ މިސްކިތް ޢިމާރާތް ކުރުން. މިއީ، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް.

 

1986 ފ. އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތް ކުރުން. މިއީ،ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށް 20 ފެބުރުވަރީ 1986 ގައި ކިޔަވައިދޭން ފަށާފައިވޭ.

 

1993 ނިލަންދޫ އޮފީސް ޢިމާރާތް ކުރުން. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް.

 

1995 ފާލަން ހެދުން. މ. މާފަންނު ވިލާ ޤާސިމް އިބްރާހީމްގެ އެހީގައި ނިލަންދޫ ރައްޔިތުން ސިމެންތި ކޮންކުރީޓުން ހެދި ފާލަން ބޭނުންކުރަން ފެށުން.

 

1995 ގިރާ ސަރަޙައްދު ތޮށިލުން ނިލަންދޫގެ އިރު އުރުން އާދަޔާޚިލާފަށް ރަށްގިރަމުންދާތީ އެކަން ޙައްލުކުރަން ނިލަންދޫ ރައްޔިތުން، ނިލަންދޫގެ އިރު އުރު ފަރާތުގައި ގަލުން 1200 ފޫޓުގެ ތޮށްޓެއްލުން.

 

1996 ކަރަންޓުގެ ޚިދުމަތް ދިނުން 20 އެޕްރީލް 1996 ގައި ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތްދޭން ފެށީ.

 

1996 ޞިއްޙީ މަރުކަޒުގެ ޚިދުމަތް ނިލަންދޫ ރައްޔިތުންގެ ކާޑުގެ ވަރަށް ބޮޑަށް ވީރާނާވެފައިވާތީ 1992 ސެޕްޓެންބަރުގައި އެތަން ތަޅާލައި ނިލަންދޫ ރައްޔިތުންގެ ނަމުގައި ޢިމާރާތްކުރި ޞީއްޙީ މަރުކަޒު 20 އެޕްރީލް 1996 ގައި ހުޅުވީ.

 

1999 އަތޮޅު އޮފީސް ނިލަންދޫއަށް ބަދަލުކުރުން. 18 ޖަނަވަރީ 1999 ގައި ފ. އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ނިލަންދޫކަމަށް ހަމަޖައްސައި އެ ތާރީޚުގައި އަތޮޅު އޮފީސް ނިލަންދޫއަށް ބަދަލު ކުރެއްވީ. އެތާރީޚުން ފެށިގެން 29 ޑިސެންބަރު 2009 ގެ ނިޔަލަށް އަތޮޅު އޮފީސް ހިންގީ ނިލަންދޫ އޮފީސް މިހާރު ހިންގާ ޢިމާރާތުގައި.

 

1999 ނިލަންދޫ ރަށްވެހިގެ ޢިމާރާތް ކުރުން. މިއީ، ސަރުކާރުން ތަކެތީގެ އެހީ ދެއްވުމުން ނިލަންދޫ ރައްޔިތުން ޢިމާރާތް ކުރި ތަނެއް. އަތޮޅު އޮފީސް ނިލަންދޫއަށް ބަދަލު ކުރެއްވުމުން 18 ޖަނަވަރީ 1999 އިން ފެށިގެން 03 ނޮވެންބަރު 2002 ގެ ނިޔަލަށް މިތަން ބޭނުން ކުރީ އަތޮޅުގޭގެ ގޮތުގައި.1 އެޕްރީލް 2003 އިން ފެށިގެން ނިލަންދޫ ޕޮލިސް ސްޓޭޝަން ހިންގަމުން ގެންދަނީ މި ޢިމާރާތުގައި.

 

1999 ފ. އަތޮޅު އިސްޓޯރު ނިލަންދޫއަށް ބަދަލު ކުރުން. ފ. މަގޫދޫގައި ހިންގަމުންދިޔަ އަތޮޅު ރައްޔިތުންގެ ވިޔަފާރި ނިލަންދޫއަށް ބަދަލުކުރީ 1999 ޖޫންގައި. ފުރަތަމަ އިސްޓޯރު ހިންގީ ނިލަންދޫ ޑޭލައިޓު މަރުކަޒުގައި. އެއަށްފަހު 2003 އިން 2012 ގެ ނިޔަލަށް އަތޮޅު އިސްޓޯރު ހިންގީ މިހާރު ނިލަންދޫ އައްޑަނަ ފިހާރަ ހިންގާ ޢިމާރާތުގައި. 2013 އިން ފެށިގެން އަތޮޅު އިސްޓޯރު ހިންގަމުން ގެންދަނީ އަތޮޅު އިސްޓޯރުން ގަނެފައިވާ ޢިމާރާތެއްގައި.

 

2000 ހުޅަނގު ބަނދަރު ހެދުން. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ބަނދަރެއް. މިއީ، 800X250 ފޫޓުގެ ބަނދަރެއް. މިބަނދަރު ހެދި ސަރަޙައްދަށް ވެލިއަޅައި 2017 ވަނަ އަހަރުވަނީ ބިން ހިއްކާފައި.

 

2000 އިރުވައި ބަނދަރު ހެދުން. މިބަނދަރު ފުރަތަމަހެދީ ނިލަންދޫ ރައްޔިތުން ޚަރަދުގައި. އޭރުގެ ބޮޑުމިނަކީ  300X150 ފޫޓު. ނަމަވެސް 2008 ގައި ސަރުކާރުގެ ޚަރަދުގައި މި ބަނދަރު ބޮޑުކޮށް ހައްދަވާ ދެއްވާފައިވޭ. މިހާރުގެ ބޮޑުމިނަކީ 400X250 ފޫޓު.

 

2000 މުދާ އަރުވާ ބާލާ ޖެޓީ ހެދުން. މިއީ،ނިލަންދޫ ރައްޔިތުންގެ ޚަރަދުގައި ހަދާފައިވާ 150 ފޫޓުގެ ޖެޓީއެއް. މި ސަރަޙައްދަށް ވެލި އަޅައި 2017 ގައިވަނީ ބިންހިއްކާފައި.

 

2000 ނިލަންދޫ ރައްޔިތުންގެ ބޭސްފިހާރަ. މިއީ، ނިލަންދޫ ރައްޔިތުން ޚަރަދުކޮށްގެން ހަދާފައިވާ ޢިމާރާތެއް. މި ޢިމާރާތް މިހާރުވަނީ އެހެން ބޭނުމަކަށް ކުއްޔަށް ދީފައި.

 

2000 ޢަބްދުﷲ އިސްމާޢީލް ލައިބުރަރީ ޢިމާރާތް ކުރުން. މިއީ، ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް.

 

2000 ނިލަންދޫ ކޯޓު ޢިމާރާތްކުރުން. މިއީ، ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް.

 

2001 ނިލަންދޫ ރައްޔިތުންގެ ތެޔޮސެންޓަރު ޢިމާރާތް ކުރުން. މިއީ ނިލަންދޫ ރައްޔިތުންގެ ޚަރަދުގައި ހަދާފައިވާ ތަނެއް.

 

2001 ތަޙާލުފި މިސްކިތް ޢިމާރާތް ކުރުން. މިއީ، ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް.

 

2002 އަތޮޅުގެ ޢިމާރާތްކުރުން. 3 ނޮވެންބަރު 2002 އިން ފެށިގެން މި ޢިމާރާތް ބޭނުންކުރަންފެށީ.

 

2002 ފ. އަތޮޅު ހޮސްޕިޓަލް ޢިމާރާތް ކުރުން. މިއީ، ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް. ނިލަންދޫ ރައްޔިތުންގެ ޢިމާރާތުގައި ހިނގަމުންދިޔަ ޞިއްޙީ މަރުކަޒު މިތަނަށް ބަދަލުކުރީ 2002 އެޕްރީލްގައި. މިތަން ހޮސްޕިޓަލަކަށް ބަދަލު ކުރައްވާފައިވަނީ 20 ޑިސެންބަރު 2006 ގައި.

 

2003 ނިލަންދޫ ޕޮލިސްސްޓޭޝަން ނިލަންދޫގައި މިހާރުހުރި ޕޮލިސްސްޓޭޝަންގެ ޚިދުމަތް ދޭންފެށީ 21 އެޕްރީލް 2003 ގައި ސިފައިންގެ މަރުކަޒުގެ ނަމުގައި. ނަމަވެސް ޕޮލިހުންނަކީ މަދަނީ ބައެއްގެގޮތުގައި ހަމަޖައްސަވައި ޕޮލިހުގެ ޚިދުމަތް ދޭންފަށާފައިވަނީ 1 ސެޕްޓެންބަރު 2004 ގައި.

 

2003 ދިރާގު ޚިދުމަތް ޤާއިމް ކުރުން. ދިރާގުގެ އެންޓަނާ ޖަހައި މޮބައިލް ފޯނުގެ ޚިދުމަތް ޤާއިމް ކުރުން.

 

2004 ނިލަންދޫ ޕްރީ ސުކޫލް ޢިމާރާތް ކުރުން. މިއީ، ނިލަންދޫ ރައްޔިތުންގެ ޚަރަދުގައި ހަދާފައިވާ ޢިމާރާތެއް. 2016 މާރިޗުމަހުން ފެށިގެން މިތަނުގައި ހިނގަމުންދަނީ އެމް.އެން.ޔޫގެ ލާނިން ސެންޓަރު.

 

2005 އުރީދޫގެ ޚިދުމަތް ޤާއިމް ކުރުން. އުރީދޫގެ އެންޓަނާ ޖަހައި މޮބައިލް ފޯނުގެ ޚިދުމަތް ޤާއިމް ކުރުން.

 

2006 ފެންޕްލާންޓެއް ބެހެއްޓުން. މިއީ، ނިލަންދޫގައި ސަރުކާރުން ޤާއިމްކޮށްދެއްވި ތަނެއް.

 

2007 ޒުވާނުންގެ މަރުކަޒު ޢިމާރާތް ކުރުން. މިއީ، ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް.

 

2008 ފ. ނިލަންދޫ ނަރުދަމާ ނިޒާމް ޤާއިމް ކުރުން. މިއީ، ޔޫ.އެން.ޑީ.ޕީގެ އެހީގައި ހަދާފައިވާ ތަނެއް.

 

2009 ފ. އަތޮޅު ކައުންސިލްގެ އިދާރާ މިއީ، ނިލަންދޫގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއް. މި ޢިމާރާތަށް އަތޮޅު އޮފީސް ބަދަލުކުރީ 29 ޑިސެންބަރު 2009 ގައި.

 

2014 އައިސް ޕްލާންޓް ބެހެއްޓުން މިއީ، ނިލަންދޫގައި ސަރުކާރުން ޤާއިމްކޮށްދެއްވި ތަނެއް. މިތަނުން ޚިދުމަތް ދޭންފަށާފައިވަނީ 4 އޮކްޓޫބަރު 2014 ގައި.

 

2015 ބޭންކުގެ ޚިދުމަތް ޤާއިމް ކުރުން. 15 ޖަނަވަރީ 2015 ގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ޤާއިމް ކުރުން.

 

2016 މީރާގެ ޚިދުމަތް ޤާއިމް ކުރުން. 2016 ގައި މީރާގެ ޚިދުމަތް ޤާއިމް ކުރުން.

 

 

ނިލަންދޫގައި ހިނގާފައިވާ ޙަދިސާތައް

ހާދިސާ ހިނގި އަހަރު ހިނގި ޙާދިސާއާއި ތަފްޞީލު
1960 ގަދަ ވިއްސާރައެއްގައި ރަތްވިލާގޭ މައްޗަށް ބަނބުކެޔޮގަހެއް ވެއްޓި ގެ ހަލާކުވެ ދެމީހަކު ވަރަށްބޮޑަށް ޒަޚަމްވެފައިވޭ.

 

1961 އިރުއުތުރު ފަރާތަށް އުދައަރައި މިސްކިތްމަގު، ދޮންކަނބޯމަގު، ފުންނާރުމަގުގެ ބިންގަނޑު ކަނޑައިގެންގޮސް ވަރަށް ބޮޑުބައެއްގެ ވެލިގަނޑު މޫދަށް ފައިބައިގެން ގޮސްފައިވޭ.

 

1965 ނިލަންދޫ ވަލުގޭ ބަދިގޭގައި އަލިފާންރޯވެ އެކީގައި އަނދާފައިވޭ.

 

1975 މަގޫދޫން ނިލަންދޫއަށް ދަތުރުކުރި ކުޑަ ދޯންޏެއް ބަންޑުން ޖަހާލައި އޭގައި ދަތުރުކުރި 3 މީހުންގެ ތެރެއިން ނިލަންދޫ އުޑުވިލާގޭ ޙުސައިންމަނިކު ގެއްލިފައިވޭ.

 

1978 ނިލަންދޫ ނަލަހިޔާގޭގައި އަލިފާންރޯވެ އެކީގައި އަނދާފައިވޭ.

 

1983 ނިލަންދޫގެ ހުޅަނގު ފަރާތާއި އުތުރު ފަރާތުގެ ބޮޑު ސަރަޙައްދަކަށް އުދަ އަރާފައިވޭ.

 

1987 ގަދަ ވިލާގަނޑެއްގެ ވައިގާ ދޮންކަނބޯ މިސްކިތް އެކީގައި ވެއްޓި ހަލާކުވެފައިވޭ.

 

1991 ގަދަވިއްސާރައިގާ ރަށުގެ ވަރަށްގިނަ ރުއްގަސްވެއްޓި ގެއްލުން ލިބުނު. އަދި 2 ގެއެއްގެ ފުރާޅު އެއްލާލި. މީހަކަށް ގެއްލުމެއް ނުވޭ.

 

1993 އަޙްމަދީ ސޮޓޯރުގައި އަލިފާން ރޯވެ ހުރިހާ މުދާ އަނދާފައިވޭ.

 

2004 26 ޑިސެންބަރު 2004 ގައި ރާއްޖެއަށް އެރި ސުނާމީ ކާރިޘާގައި ނިލަންދޫއަށްވެސް އުދައިގެ އަސަރުކުރި. ރަށުގެ އިރުމަތީ ސަރަޙައްދުގެ ބައެއްގޭގެއަށް ލޮނުވަދެ ހިފާގެންގުޅޭ ބައެއް ތަކެއްޗާއި ސުކޫލް ކުދިންގެ ފޮތްތަކާއި ގޯތިތަކުގައި ހުރި ރުއްގަހަށް ގެއްލުންވި.

 

2006 ނަގޫރޯޅިއެއް އަރައި އިންޖީނުގޭ ގޯތީގައި ފެންތާނގީ ހިޔާކުރަން ހަދާފައިހުރި ފުރާޅު އެއްލާލާފައިވޭ.