ނިލަންދޫ

މިރަށަކީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަން ކުރާ ރަށެވެ.  މިއީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ.  މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ.  މިރަށުގައި އޮންނަ “ފޯއްމަތި” ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.

ނިލަންދޫ އާޘާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައިހުރި ތަނެވެ. ކުރީގައި އެ ވެލިފުނި ވަރަށް އުސްކޮށް އޮވެއެވެ. އެ ތަނަކީ އާޘާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި މިހާރު އޮތީ ވަރަށް ތިރިކޮށެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައިވެއެވެ. މި ސަރަހައްދުގައި ކުރީގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެއް އޮންނަކަމުގައި ނިލަންދޫގެ ދުވަސްވީ މީހުން ބުނެއެވެ. ވެވުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ފެންނަން އެބަހުއްޓެވެ. މިހާރުވެސް އެ ސަރަހައްދާ ކައިރީ ބައެއް ގޯތިގޯތި ކޮންނައިރު ހިރިގަލުން ހަދާފައި ހުންނަ ބައެއް ތަކެތި ފެންނަމުން ދެއެވެ.

މީލާދީގެ 06   ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާ ގިނަ ބަޔަކު ވަޅުލާފައި ވެއެވެ. ބުނެވޭ ގޮތުގައި        7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ.  ނިލަންދޫގެ އާޘާރީ ސަރަހައްދާއިބެހޭ އެކިއެކި ދިރާސާތަކާއި ތަފާތު ހޯދުންތައް  ދިވެހިބަހާއި ތާރތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.  ނިލަންދޫގެ އާޘާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ.

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާ، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. ނިލަންދުއަކީ ކުރިންވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލް ނުކުރެވޭތީ ނިލަންދޫ ރ.ކ ކޮމެޓީން އިސްނަގައިގެން ތޮއްޑޫ ދަނޑުވެރިޔަކު ގެނެސް ގިނަ ބަޔަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިލަންދުއަކީ ރާއްޖޭގެ ނިސްބަތުގައި ދަނޑުވެރި ކަމުގެ މަސައްކަތަށް ޚާއްޞަކޮށް ކަރަލާއި، ކިއު ކަންބާ ފަދަ ތަކެތި ހެއްދުމަށް ފާހަގަ ކުރެވޭ ރަށެކެވެ. މިހާރު ދަނޑުވެރި ކަމުން ރަނގަޅު އާމްދަނީއެއް ލިބެމުން ދެއެވެ.

ނިލަންދުއަކީ ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ އިރު އުތުރުފަރާތުން ވަރަށްބޮޑަށް ގިރައި އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް ދަތިވާތީ އެ ސަރަހައްދު ޙިމާޔަތް ކުރުމުގެ ގޮތުން ރައްޔިތުންގެ 06 ދުވަހުގެ މަސައްކަތުން 1998 ވަނައަހަރު، ދިގުމިނުގައި 1200 ފޫޓު ފުޅާމިނުގައި 25 ފޫޓުގެ ތޮއްޓެއް ލެވިފައި ވެއެވެ. އެތަން ހިއްކުމުގެ ގޮތުން އެތަނުގައި ކުނިކޮށި ހަދައިގެން ކުނިއަޅަމުން ގެންދިއުމުގެ ސަބަބުން މިހާރު އެތަން ވަނީ ވަރަށްބޮޑަށް ހިކިފައެވެ.

ނިލަންދޫ ކައުންސިލްގެ އިދާރާ

މިއަތޮޅު އަތޮޅު އޮފީސް 18 ޖެނުއަރީ 1999 ގައި ނިލަންދުއަށް ބަދަލުކުރެއްވުމާއި ގުޅިގެން ނިލަންދޫ އޮފީސް ހިނގަމުން ދިޔަ ޢިމާރާތަށް އަތޮޅު އޮފީސް ބަދަލުކުރުމުން އެ ތާރީޚުން ފެށިގެން 30 ނޮވެމްބަރ 2000 އަށް ނިލަންދޫ އޮފީސް ހިންގާފައިވަނީ ނިލަންދޫ ބީޗްހައުސް ގައެވެ. ނިލަންދޫގައި އަލަށް ޢިމާރާތްކުރި ނިލަންދޫ ކޯޓުގެ މަސައްކަތްނިމި އެ ޢިމާރާތަށް ކޯޓުގެ މަސައްކަތް ބަދަލުކުރުމާ ހަމައަށް ނިލަންދޫ ކޯޓުވެސް ހިންގާފައިވަނީ ބީޗްހައުސް  ގައެވެ. 01 ޑިސެމްބަރ 2000 ން ފެށިގެން ނިލަންދޫ އޮފީސް ހިންގަމުންދަނީ ނިލަންދޫ އަންހެނުންގެ މަރުކަޒުގައެވެ. ނިލަންދޫ އަންހެނުންގެ މަރުކަޒަކީ ނިލަންދޫ ރައްޔިތުން ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ އެހީއާއި އެކު ނިލަންދޫ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ޢިމާރާތެކެވެ. ނަމަވެސް އަލަށް ޢިމާރާތް ކުރި އަތޮޅު އޮފީހުގެ އާޢިމާރާތަށް 29 ޑިސެންބަރު 2010 ގައި އަތޮޅު އޮފީސް ބަދަލު ކުރުމުން 30 ޑިސެމްބަރު 2010 އިން ފެށިގެން ނިލަންދޫ ކައުންސިލްގެ އިދާރާ ނިލަންދޫ އޮފީސް ހިންގަން ހަދާފައިވާ ޢިމާރާތަށް ބަދަލުކުރީއެވެ.

ތަޢުލީމު

މިރަށުގައި 1986 ގެ ކުރިން ތަޢުލީމު ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުރިން މިރަށުގައި ތަޢުލީމުދެމުން ދިޔައީ ނިލަންދޫސްކޫލް ގެ ނަމުގައި މިހާރު އަތޮޅުސްޓޯރު ހިންގާ ޢިމާރާތުގައެވެ. އެއްދުވަސް ވަރެއްގައި މަކުތަބުލް މުނީރުގެ ނަމުގައިވެސް އެ ޢިމާރާތުގައި ކިޔަވައި ދެމުން ގޮސްފައި ވެއެވެ.

މިއަތޮޅު އަތޮޅު ތަޢުލީމީމަރުކަޒު ހުންނަނީ މިރަށުގައެވެ. ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭންފެށިފައިވަނީ 20 ފެބްރުއަރީ 1986  އިން ފެށިގެންނެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. ނަމަވެސް މިހާރު މި މަރުކަޒުގައި މިހާރު ކޮމާސް، ސައިންސް މި ދެސްޓްރީމަށް ގްރޭޑް 12 އަށް ކިޔަވައިދެއެވެ.

ޞިއްޙަތު

ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ  1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށުނެވެ.

ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެމަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ޞިއްޙީމަރުކަޒު ބިނާކޮށްފައިވަނީ ކުރިން ރައްޔިތުންގެ ކާޑުގެ ހުރިތަނުގައެވެ. މިދެންނެވި ތަނުގައި ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒަކީ މިހާރު ނިލަންދޫ އޮފީސް ހިންގާ ނިލަންދޫ އަންހެނުންގެ މަރުކަޒު ޢިމާރާތެވެ.

ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު 1998 ވަނަ އަހަރު ސަރުކާރުން ހިންގަވާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައި ބޭނުންވާ މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ.  ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16 ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ.

މިހާރު އަތޮޅު ހޮސްޕިޓަލުން ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލުގައި ލެބޯރޓްރީގެ ޚިދުމަތާއި، ލޭއަޅާދިނުމާއި، އެކްސްރޭގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތް އަދި ކުދި ބައެއް އޮޕަރޭޝަންތައް ކުރެވެން މިހާރު ހުރެއެވެ.

ކަރަންޓް

ނިލަންދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ނިލަންދޫގެ އަމިއްލަ 02 ފަރާތަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ފަހުން ހަވީރު 6:00 ން ހެދުނު 6:00 އަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައެވެ. ރަށުގެ ޢާއްމު ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ ކަރަންޓު ބޭނުންކުރާ މީހުންގެ ޢަދަދާއި ތަކެތީގެ ޢަދަދު އިތުރުވުމުން ކަރަންޓް ދޫކުރަމުން ގެންދިޔަ 02 ފަރާތަށް އެކަށިގެންވާ ގޮތަކަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ފެށިއެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ރައްޔިތުން ރޮދަށް ގޮސްގެންނާއި، އުފަންބޮލުން މީސްމީހުންގެ އަތުން ފައިސާ ނަގައިގެންނާއި،އެނޫންވެސް ގޮތްގޮތުން ރައްޔިތުން މަސައްކަތްކޮށްގެން 23.5 ކިލޯވޯޓުގެ 02 ޖަނަރޭޓަރު ގެނެސް 13 ޖޫން 1995 ގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ދޭންފެށީ ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޖަނަރޭޓަރު ގެއިން ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. މި އިންޖީނުގެ ހުޅުވައިދެއްވީ 30 އޭޕްރީލް 1996 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ.

ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އިތުރު ޖަނަރޭޓަރު ސެޓްތައް ގެނެސް 22 ޖޫން 1999 ގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން އޭ.ޑީ.ބީ ލޯނު ޕްރޮޖެކްޓެގެ ދަށުން އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 16 މާރޗް 2007 ގައެވެ.