ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 07/2010 ގެ 23 ވަނަ މާއްދާގައި ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޤާނޫނުއަސާސިއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.

(ށ) ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.

(ނ) ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޛުކުރުމަށް ރަށު ކައުންސިލާއި ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް މި ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޛުކުރުން.

(ރ) ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެދީ، މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާއިދުން ރިޕޯޓު ހުށަހެޅުން.

(ބ) މިޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ޤަވާއިދު ހަދައި ހިންގުން.

(ޅ) މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.

(ކ) ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

(އ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

(ވ) އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.

(މ) އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި، މިޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

(ފ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އެފެއްދުން.

(ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލާތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

(ތ) ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުރެވިގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.

(ލ) މީހުންގެ އަމިއްލަ ބިންތަކާއި  މުދާ ޢާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.

(ގ) ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.

(ޏ) ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގިތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.

(ސ) ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ޑ) މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

(ޒ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.

(ޓ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.

(ޔ) ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.

(ޕ) ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ރުހުމަތުކުރެވޭނަމަ އެކަމެއް ތަޙްޤީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.

(ޖ) ރަށު ކައުންސުލްގެ އިދާރާ ހިންގުން.

(ޗ) ޤާނޫން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.